ހަޤީޤީ ބާއްޖަވެރިކަމަކީ އަޅާ ﷲއަށް އީމާންވެ الله سبحانه وتعالى އެންގެވި ގޮތް އިޚްތިޔާރުކޮށް އެކަލާނގެ ނަހީކުރެއްވިކަންކަމާ ދުރުހެރިވުމުން، الله سبحانه وتعالى އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި އުފާވެރިކަމުގެ ޝުޢޫރެއްކަމަށާއި އެއީ އެއްގޮތަކަށްވެސް މާއްދީ ގޮތުން ޙާސިލްވެވޭނެ އެއްޗެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ..
މިއަދުގެ ޚުޠުބާ ޚާއްސަކޮށްފައިވަނީ ހަޤީޤީ ބާއްޖަވެރިކަން މި މައުޟޫއަށެވެ. މިއަދު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި އިމާމްވެ ހުކުރު ނަމާދުކުރެއްވީ ދިނީ ޢިލްމުވެރިޔާ މުފްތީ މެންކްއެވެ.
މިއަދުގެ ޚުޠުބާގައި މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ހޯދަންކަމަށާއި އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގުދީފައި ގަނެވޭނެ އެއްޗެއް ކަމުގައިވީނަމަ އެކަން ކުރާނެކަން ކަށަވަރުކަމަށް ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން ބާއްޖަވެރިކަން ދަނެގަންނާނެ ގޮތަށް ޚުޠުބާގައިވަނީ އަލިއަޅުވާލައްވާފައެވެ. އަދި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ހަދީޘްފުޅުތަކުން ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ހޯދޭނެ ގޮތްތައް ވަނީ ބަޔާންކުރައްވާފައެވެ.
ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަންކަމަށާއި މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި ބުރަ މަސައްކަތްކުރަނީ އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. އަދި ބާއްޖަވެރިކަން ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި ގަދަ ކީރިތިވަންތަ الله سبحانه وتعالى ހަނދުމަކުރަންވެސް ހަނދާނެއް ނުހުންނަކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ފަރުޟު ފަސް ނަމާދުމަތިންވެސް ހަނދާން ނުހުންނަކަމާއި އެއީ މާތް ﷲ އެންމެ ބޮޑަށް ލޯބިވެ ވޮޑިގަންނަވާ އަޅުކަންކަމަށް މިއަދުގެ ޚުތުބާގައިވެއެވެ. އެހެންކަމުން ނަމާދަށް ރައްކާތެރިނުވެ ކިތަންމެ ބުރަ މަސައްކަތެއް ކުރިނަމަވެސް ބާއްޖަވެރިކަން ނުލިބޭނެކަން ޚުޠުބާގައިވަނީ ބަޔާންކުރައްވާފައެވެ.
މިއަދުގެ ޚުޠުބާގައިވަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސްކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެހައި މުސްލުމުންނަށް ވަޞިއްޔަތްކޮށް ނަސޭޙަތްތެރިވެފައެވެ.