ދިވެހިރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު މަސައްކަތަކީ ފަތުރުވެރިކަން ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން މި އަހަރު 17.2 އިންސައްތަ ކުރިއަރާނެކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިން އަމީރު ވިދާޅުވެއްޖެއެވެ.
2023 އަށް ލަފާ ކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަަށެވެ.
އަދި މިއީ ކޮވިޑް-19 ގެ ކުރިން، ވޭތުވެދިޔަ 10 އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި އެވަރެޖްކޮށް ހުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކުރިއަށް އޮތް 2023 ވަނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ބަޖެޓްގައި ބުނެފައިވެއެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއަހަރު ނިމޭއިރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ބަޖެޓް 2023 އަމާޒު ހިފާފައިވާނީ، ޑެފިސިޓްކުޑަކޮށް މާލީ ދެމެހެެއްޓެނިވި ކަމަށް، ރާއްޖެ ހޯދަމުންމިދާ އިޤްތިސާދީ ކުރިއެރުން ނުހުއްޓި ކުރިއެރުމަށް ކަމަަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.



