ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ކަމުގެ ސައްހަނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ ހިންނަވަރު ފިހާރަޔަކުން ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެފިހާރައިން އެކި ދުވަސް މަތިން މުދާ ގަނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މިމަހުގެ އެއްވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން އެކި ދުވަސްމަތިން އެ ފިހާރައިން އޭނާ 170000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާ ކަމަަށެވެ.
އަދި އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާދާއިރާއެއްްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.



