ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެންބަރު ކަމުން ވަކިކުރަން ކޯޓަށް ހުށަހެޅުމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ތުހުމަތު ކުރައްވައިފިއެވެ.
ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން މަޖިލީހުން އަދަދު ނުލިބުނީމަ މިހާރު އެ މަސައްކަތް ފެށީ ކޯޓު މެދުވެރިކޮށް ރައީސް ނަޝީދު ވަކި ކުރެވޭތޯ ކަމަށެވެ.
“ އަޅުގަނޑު ގަބޫލު ކުރަނީ މިކަމުގައި ގާނޫނީ އަސާސެއް ނެތަސް މިކަމުގެ އަޑީގައި އޮތީ ސަރުކަަރު ކަމަށް “ ހަސަން ލަތީފު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މަޖިލީސް މެންބަރު ކަމުން ވަކިކޮށްދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް މިއަދު ވަނީ ހުށަހަޅާފައެވެ.
ނަޝީދު ވަކިކުރެއްވުމަށް ހުށަހެޅުއްވީ ކޮޕް27 ސަމިޓްގެ ސްރީލަންކާފެ ވަފުދުގައި އެގައުމު ތަމުސީލު ކުރެއްވުމަށް ނަޝީދު މިސްރަށް ވަޑައިގަތުމުންނެވެ.
އެމަނިކުފާނު މެންބަރު ކަމުން ވަކި ކުރެއްވުމަށް ހުށައެޅުއްވީ ގާނޫނީ ވަކީލް އަހުމަދު ތޯލިބެވެ.