މިހާރު ކުރިއަށްދާ ފީފާ ވަލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގުރޫޕު ސްޓޭޖްގައި ކުޅުނު ދެ މެޗުން މޮޅުވެ ގަދަ 16 ފްރާންސުން ޔަގީންކޮށްފިއެވެ.
މިރޭ ރާއްޖެ ގަޑިން ނުވައެއް ޖެހިއިރު ކުޅުނު މި މެޗު ފްރާންސުން ކާމިޔާބު ކުރީ 2 1 އަކުންނެވެ.
މިރޭގެ މެޗްގައި ފްރާންސަށް ދެ ލަނޑުވެސް ޖަހާދިނީ އެމްބާއްޕެ އެވެ. މި ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗްގެ ފަހު ހާފުގައެވެ. ފުރަތަމަ ލަނޑު އެމްބާއްޕެ ޖެހީ މެޗްގެ 61 ވަނަ މިނެޓްގައެވެ. އޭގެ ފަހުން މެޗްގެ 68 ވަނަ މިނެޓްގައި ޑެންމާކްގެ ކްރިސްޓެންސެން ވަނީ ލަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.
ފްރާންސުން މޮޅުވި ގޯލް ޖެހީ 86 ވަނަ މިނެޓްގައެވެ. މިއާއެކު ގުރޫޕު ޑީގެ އެއްވަނައިގާ ފްރާންސް ހަމަޖެހިއެލީ 6 ޕޮއިންޓާއެކުއެވެ.
މި ގުރޫޕުގައި ދެން އޮތީ ޑެންމާކް، އޮސްޓްރޭލިއާ އަދި ޓިއުނީޝިޔާއެވެ.
ތިން ޕޮއިންޓާއެކު އޮސްޓްރޭލިއާ ގުރޫޕުގެ ދެވަނައިގާ އޮތް އިރު ޓިއުނީޝިޔާ އަދި ޑެންމާކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.



