މޯބައިލް ސިމް ވިއްކާ އުސޫލަށް ބަދަލު ގެނެސް އައު ޤަވާއިދު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހަރުކަށި ކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުން، މޯބައިލް ފޯނު ޚިދުމަތް ހޯދުމަށް ބޭނުންކުރާ ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމް) ކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެގޮތުން މި ބަދަލުތަކާއެކު، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ޙާލަތުގައި ކަމަށް ބުނެފައިވެއެވެ.
ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުން ކަމަށާއި ސިމްކާޑު ދޫކުރުމުގެ މި އައު އުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ 1 ޑިސެމްބަރ 2022 އިން ފެށިގެން ކަމަށެވެ.
މިކަމާބެހޭ އިތުރު ތަފްސީލް، ޚިދުމަތް ހޯދަން ބޭނުންވާ ސަރވިސް ޕްރޮވައިޑަރގެ ފަރާތުން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.