ފޭވަރިޓުންގެ ގޮތުގައި ފާހަގަކުރެވުނު މޮޅު ސްޕެއިން ކަޓުވާލައި ވަލްޑްކަޕްގެ ތާރީހުގައި އަލަށް މޮރޮކޯއިން ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ރާއްޖެ ގަޑިން އަށެއް ޖެހިއިރު ފެށި މި މެޗްގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވެ ފަނަރަ މިނެޓްގެ ދެ ހާފު ކުޅުނު އިރުވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެއެވެ.
އެހެންކަމުން މެޗުގެ ނަތީޖާނެރެން ޖެހުނީ ޕެނަލްޓީ އަށް ގޮސްގެންނެވެ. ސްޕެއިން އިން ޖެހި ދެ ޕެނަލްޓީ ކީޕަރު ހިފެހެއްޓިއިރު އަނެއް ޕެނަލްޓީ ގޯލް ދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ.
އެހެން ކަމުން މޮރޮކޯ މޮޅުވީ 3 ޕެނަލްޓީ ގޯލަށް ޖަހައިގެންނެވެ.
ފީފާގެ ރޭންކިން އަށް ބަލާއިރު ސްޕެއިން ހަތް ވަނައިގާ އޮތް އޮރު މޮރޮކޯ އޮތީ 22 ވަނައިގައެވެ.
މީގެ ކުރިން ފީފާ ވޯލްޑް ކަޕް 2018 ގެ ގްރޫޕް ސްޓޭޖްގައި މި ދެ ގައުމުގެ ކުރިމަތިލުމެއް ފެނުނެވެ. އެ މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެގެން ނިމުނީއެވެ. އަދި 1961 ވަނަ އަހަރު، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އިންޓަކޮންޓިނެންޓަލް ޕްލޭއޯފްގައި މި ދެ ގައުމު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރީ ސްޕެއިން އެވެ.
ރައުންޑް އޮފް 16 ގެ މި މެޗުން މޮރޮކޯ މޮޅުވުމުން ވާދަކުރަން ޖެހޭ ޓީމެއް އެނގޭނީ މިރޭ ރާއްޖެ ގަޑިން 00:00 ގައި، ޕޯޗުގަލް އާއި ސްވިޒަލެންޑް ކުޅޭ މެޗު ނިމުމުންނެވެ.



