ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި އެގައުމުގެ މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން މިތަކެތި އަތުލައިގަނެފައިވަނީ 2022 ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ ޕާކިސްތާން ފިރިހެން ފަސިންޖަރަކާއިމެދު ޝައްކުކުރެވިގެން، އެ ފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin)އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17.26 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު (އެކާވީސް މިލިއަން) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 6 ވަނަ ފަހަރެވެ.
މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 55.405 ކިލޯގެ ހެރޮއިން ވަނީ އަތުލައިގަނެވިފައެވެ.
މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައެވެ.



