ރައީސް އަބްދުﷲ ޔާމީންގެ ގައުމީ ފިކުރަށް މި ގައުމުވަނީ ނުހަނު ބޭނުންވެފައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ޣައްސާން މިފދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއު ނިންމަން އަނެއްކާވެސް އާ ތާރީހެއް ސަރުކާރުން ދިނުމާއި ގުޅިގެން ފާޑުވިދާޅުވެ ޣައްސާން ވަނީ ސަރުކާރުގެ އަމަލުތަކާ މެދު ނުުރުހުން ފާޅުކުރައްވާފައެވެ.
ޣައްސާން ވިދާޅުވީ ތަރައްޤީގެ ބިޔަ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ބިނާކުރަނިވި ފިކުރު ކަމަށް ވިދާޅުވިއެވެ. ބްރިޖު މަޝްރޫ ނިންމަން އަނެއްކާވެސް މި ލިބުނީ އާ ތާރީހެއް ކަމަށާއި ކުރިން ބުނި އެތި ކެންސަލް އާދައަކަށް ނުހެއްދެވުމަށް ޣައްސާން އިލްތިމާސް ކުރެއްވިއެވެ.
ޣައްސާން މިހެން ވިދާޅުވެފައިވާއިރު، ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ވިލަރެސް ކުރުމަށް ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ ބްރިޖުގެ އޮފީހުން ބުނެފައިވާ ގޮތުގައި މާލެއިން ވިލިމާލެއަށް ބްރިޖުގައި އަންނަ އަހަރުގެ ޑިސެމްބަރު މަހުގައި ދެވޭނެއެވެ. އެހެން ނަމަވެސް މީގެ ކުރިން އެ މަޝްރޫއު ހިންގަމުންދާ އެފްކޮންސްއިން ވަނީ އަންނަ އަހަރުގެ ޖުލައި މަހު މާލެއިން ވިލިމާލެއަށް ބްރިޖުގައި ދެވޭނެކަމަށް ބުނެފައެވެ. އަދި ޑިސެމްބަރުގެ ނިޔަލަށް ވިލިމާލެއިން ގުޅިފަޅަށް ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.



