ލިޔުނީ: ހައްވާ އިރުޝާ
އައު އަހަރަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އައު އުއްމީދުތަކެއް ގެނުވާ ތާރީހެކެވެ. ވޭތުވެދިޔަ އަހަރުގެ ތަޖުރިބާތަކުން އިބްރަތް ލިބިގަނެ އައު ސަފްހާ އަކުން ދިރިއުޅުން ފަށާ ތާރީޚެކެވެ. މިގޮތުން “ނިއު ޔަރ، ނިއު މީ” އޭ ކިޔާ ސޯޝަލް މީޑިޔާ ސްޓޭޓަސް އަޕްޑޭޓް ކޮށްލާ ފަރާތްތައް މަދެއް ނޫނެވެ.
ނަމަވެސް ފެބްރުއަރީއާ ހަމައަށް ނުދަނީސް އައު އަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް ހަނދާން ނެތި ކުރީގެ އާދަތަކަށް ރުޖޫއަވެވެއެވެ. ވަރަށް ފޯރިއާއެކު އައު މީހަކަށް ވުމަށް ކުރަންފެށި މަސައްކަތް ހުއްޓުމަކަށް އާދެެއެވެ.
މިވަނީ ކިހިނެއް ބާވަ އެވެ؟ ކަމެއް ކާމިޔާބު ކުރާ މީހާއާއި ކަމަކުން ނާކާމިޔާބީ ލިބޭ މީހާގެ ތަފާތަކީ ކޮބައިބާވައެވެ؟ ދެމީހުންވެސް ފަށާނީ ހާސިލު ކުރަން ބޭނުންވާ ކަމެއް ކަނޑައަޅައިގެންނެވެ. ސުވާލަކީ އެވަރުން އެކަމެއް ކާމިޔާބު ކުރުމަށް ފުދޭނެ ބާވައެވެ.
އޮކްޓޫބަރު 2018 ގައި ޖޭމްސް ކްލިއަރ ލިޔެފައިވާ ފޮތެއްކަމުގައިވާ “އެޓޮމިކް ހެބިޓްސް” ގައި މިކަމަށް އަލިއަޅުވާލައިފާ ވެއެވެ.

އޭނާ ބުނާ ގޮތުން ކަމެއް ކާމިޔާބު ކުރުމަށްޓަކައި ޓާގެޓެއް ނުވަތަ އަމާޒެއް ކަނޑައެޅުމަށް ވުރެ ބޮޑަށް މުހިއްމީ އެ އަމާޒަކަށް ވާސިލުވެވޭނޭ ނިޒާމެއް ބިނާކުރުމެވެ. މާނަައަކީ އެމީހެއްގެ ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމެވެ.
މިސާލަކަށް އެމީހެއްގެ ބަރުދަނުން 10 ކިލޯ ލުއިކޮށްލަން އަމާޒު ކުރުމުގެ ބަދަލުގައި، އަމާޒަކަށް ހަދަންވީ ކަސްރަތުކުރުން އާދައަކަށް ހެދުމަށެވެ. ނުވަތަ ދުވާލަކު މަދުވެގެން 20 މިނެޓަށް ހިނގުމަށެވެ. މިގޮތައް ކަންތައް ކުރުމުން އާދަކޮށް ކުރާ ކަމަކަށް ކަސްރަތު ކުރުން ވެގެންދެއެވެ. އަދި އިސާހިތަކު 10ކިލޯވެސް ލުއި ވެގެން ހިނގައިދާނެއެވެ.
ހަމަ މިފަދައިން ތަނެއް ތަރުތީބުކޮށް ބާއްވަން ބޭނުންވާ މީހާގެ އަމާޒަކީ ހަފްތާއަކު އެއްފަހަރު މުޅިތަން ސާފުކުރުމުގެ ބަދަލުގައި ، ނަގާ ކޮންމެ އެއްޗެއް، އަލުން އަނބުރާ އެހުރި ތަނަށް ލުން ކަމުގައި ހަދާށެވެ. އެއިރުން އެތަނެއް ތަރުތީބުކޮށް ބާއްވަން ފަސޭހަވެގެން ދެއެވެ. އަދި އެމީހެއްގެ ގެއަކީ ހިތްގައިމު ރީތި ތަނަކަށްވެސް ވެގެންދެއެވެ.
ވިސްނަންވީ ކަމަކީ އެމީހަކު ހާސިލްކުރަންވީ ނަތީޖާއަށް ވުރެ އެނަތީޖާ އަކަށް ވާސިލުވެވޭނޭ ގޮތްތަކާއި މެދުގައެވެ. އެނަތީޖާ ހާސިލްކުރަން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންތައްތަކާއި މެދުއެވެ.
އެމީހެއްގެ އަމަލުތައް ހެޔޮ ގޮތުގައި ބައްޓަން ކުރުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން މިފޮތުގައި ލިޔެފައި ވެއެވެ.
” ހެބިޓްސް އާ އަ ޑަބަލް އެޖްޑް ސްވޯރޑް. ބޭޑް ހެބިޓްސް ކެން ކަޓް ޔޫ ޑައުން ޖަސްޓް އެސް އީސިލީ އެސް ގުޑް ހެބިޓްސް ކެން ބިލްޑް ޔޫ އަޕް!”

އެމީހެއްގެ އާދަތަކަކީ ދެމިޔަލީ ކަނޑިއެއްފަދަ އެއްޗެކެވެ. ގޯސް އާދަތަކާއި ނުބައި އަމަލުތައް އެމީހަކު ހަލާކުކޮށް ލައި ފަދައިން، ހެޔޮ އަމަލުތައް އެމީހަކު ކުރިއަރުވާ މޮޅުމީހަކަށް ހަދައިދެއެވެ.
މިސާލަކަށް ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ އާދަކޮށް ކާމީހަކު ބަލިތަކުން ދުރުވެ އެވެ. ބަލިތަކުން މީހާ ދުރުވަނީ އަހަރަކު އެންމެ ދުވަހެއްގައި ނުވަތަ އެންމެ ހަފްތާއެއްގައި ސިއްހަތައް ފައިދާހުރި ކާނާ ކައިގެނެއް ނޫނެވެ. ހަމަ މިގޮތަށް ދުވާލަކު ދެމިނެޓަށް ކޮންމެ ދުވަހަކު ދަތް އުނގުޅާ މީހާގެ ދަތްތައް ހުދުވެފައި ރީތިވާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި މަހަކު އެންމެ ފަހަރަކު އެއް ގަޑިއިރަށް ދަތް އުނގުޅާ މީހާއަކަށް ދަތްތައް ރީތިކޮށް ބެހެއްޓުން ފަސޭހަ ކަމަކަށް ނުވާނެއެވެ. ދެމީހުންވެސް މިހޭދަކުރަނީ އެއް ވަރެއްގެ ވަގުތެކެވެ. ތަފާތަކީ އެކަކުގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެކަން ހިމެނިފައިވާ އިރު އަނެކާ އެކަން ކުރަނީ މަހަކު އެއް ދުވަހު ކަމުގައެވެ. ޖޭމްސް ކްލިއަރ އިތުރަށް ބުނެފައި ވާ ފަދައިން ” ސަކްސެސް އިސް ދަ ޕްރޮޑަކްޓް އޮފް ޑެއިލީ ހެބިޓްސް- ނޮޓް އަންސް އިން އަ ލައިފްޓައިމް ޓްރާންސްފޮމޭޝަން”.

އެހެނީ ކާމިޔާބީގެ ސިއްރަކީ އެމީހެއްގެ އާއްމު ދިރިއުޅުމުގެ އާދަތަކެވެ. ކާމިޔާބީ އަކީ އެއްގޮތަކަށްވެސް އެއްދުވަހުން ހޯދައިގަނެވޭނެ އެއްޗެއް ނޫނެވެ.
އާދަކޮށް ކުރާ ކުޑަ ކަމަކުން، މަދުން ކުރާ ބޮޑު ކަމަކަށްވުރެ މާ ރަނގަޅު ނަތީޖާ ނެރެދެއެވެ. އަދި އެނަތީޖާ އަކީ ދިގު މުއްދަތަކަށް މާ ފައިދާވެސް ކުރާނޭ ކަމެކެވެ.
2023 ވަނަ އަހަރަކީ ހަމަ ހަގީގަތުގައިވެސް ތިއެންމެހާ ބޭފުޅުންނަށް މައުނަވީ އަހަރެއްކަމުގައި ހަދާކަށް އަދި ލަހެއް ނުވެއެވެ! ހިތްވަރާއެކު ކުރިއަށް ދާށެވެ. އަދި ކުދި ކުދި އާދަތަކަކުން ބޮޑެތި ބަދަލުތަކެއް ގެނެވިދާނެ ކަން ހަނދާނުގައި ބަހައްޓާށެވެ!




ފުރިހަމަ، ރީތި، މައުލޫމާތު ވަރަށް މުއްސަނދި އާޓިކަލް އެއް.
ވޭތުވެދިޔަ އަހަރުތަކުގައި ތިމާ މީހާއަށް ކުރެވިފައި ހުރި ކަންތައްތައް ހިސާބުކޮށްލުމަކީ އެދެވިގެންވާ ކަމެއް!
ނިމިދިޔަ އަހަރުތަކުން އިބްރަތްނުލިބި ކުރިމަގު އުޖާލާކުރުމަކީ ނުވާނެކަމެއް!