އާދަޔާ ހިލާފަށް ފިނި ގަދަވުމުގެ ސަބަބުން އަފްގާނިސްތާނުން 157 މީހުން މަރުވެއްޖެއެވެ.
ތާލިބާނުންގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންސާނީ އެހީލިބުން މަދުވެފައިވުމާއެކު ފިނިމޫސުމުގެ އަސަރު ގިނަ ބަޔަކަށް ކޮށް ހަފުތާއެއްގެ ތެރޭގައި މަރުވި މީހުންގެ އަދަދު ދެގުނަ އިތުރުވެއްޖެއެވެ.
މިއަހަރު އަފްގާނިސްތާނުން ތަހައްމަލު ކުރަމުންދަނީ އެންމެ ފިނި އެއް ވިންޓަރއެވެ. ޖެނުއަރީ މަހުގެ ކުރީކޮޅު ފިނިހޫނުމިން މައިނަސް 28 ޑިގްރީ ސެލްސިއަސް ގައި ހުރިއިރު އަހަރުގެ މިދުވަސްކޮޅު މުޅި ގައުމުގެ އެވްރެޖް 0 އާއި 5 ޑިގްރީ ސެލްސިއަސްއާ ދެމެދު އެވްރެޖަށްވުރެ މާދަށްވެއެވެ.
މިކަމުގެ އަސަރު އިތުރަށް ގޯސްވެފައިވަނީ އެންޖީއޯތަކުގައި އަންހެން މަސައްކަތްތެރިން މަސައްކަތް ކުރުން ތާލިބާނުން މަދުކުރުމާއި ގުޅިގެން އިންސާނީ އެހީގެ މިންވަރު މަދުވުމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އދ ގެ އޮފީހުން ބުނެފައިވަނީ އާދިއްތަ ދުވަހު 565،700 މީހުންނަށް ރަޖާ އަދި ފިނި ރައްކާތެރިވުމުގެ ތަކެތިދީފައިވާ ކަމަށެވެ.
ތާލިބާނުންގެ ޑިސާސްޓަރ މެނޭޖްމަންޓް މިނިސްޓްރީގެ ތަރުޖަމާނު އަންގާރަ ދުވަހު ސީއެންއެންއަށް ވިދާޅުވީ ފިނިގަދަވުމުގެ ސަބަބުން މުޅި އަފްގާނިސްތާނުން 70،000 އެއްހާ ދިރޭތަކެތި މަރުވެފައިވާ ކަމަށެވެ.



