އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ނިންމާލައިފިއެވެ.
މިމަހު 9 އިން 11 އަށް ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައި ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރި ބައިނަލްއަގްވާމީ ހަރަކާތެކެވެ. މިއިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި ގުޅިގެންނެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯރކިންގއާއި ވިޔަފާރި ކުރިއެރުވުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންތަކާއި ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުރުބާ މޯލްޑިވްސްގައެވެ. އަދި ކްރޮސް ރޯޑްސްގެ ސައި ލެގޫންގައި ވަނީ ނެޓްވޯކިން އިވެންޓްތައް ބާއްވާފައެވެ.
މި ހަރަކާތްތަކުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ރާއްޖޭގެ ވައިގެ ޚިދުމަތް ދެމުންގެންދާ ކުންފުނިތަކުންނާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެފަރާތްތަކުން ރާއްޖޭގެ ވައިގެ ސިނާއަތުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.