މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މަދުވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދުވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވަމުންދާތީ އެކަމާއި ގުޅޭގޮތުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިފްކޯއިން ވަނީ މި ދުވަސްވަރު މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މަދު ނަމަވެސް، މަސްވެރިކަން ރަނގަޅުވުމާއެކު އެ ބާވަތްތައް ލިބެން ފަށާނެކަމަށް ބުނެފައެވެ.
އަދި މިފްކޯއިން އުފައްދާ ދަޅު މަހުގެ އެއްވެސް ލިމިޓެއް ނެތްކަމަށާއި، އެހެންނަމަވެސް، ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެންކަމަށް އެ ކުންފުނިން ބުނެއެވެ.
މި ދުވަސްވަރު ކަޅުބިލަމަހުގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން ވެލިއު އެޑެޑް ޕްރޮޑަކްޝަން ވެސް ދަށްވެފައިވާކަން މިފްކޯއިން ފާހަގަކުރެއެވެ. އެހެންނަމަވެސް ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ ބުނެފައި ވެއެވެ.