މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއަލައިންސުން ރާއްޖެއަށް ދަތުރުތައް އަލުން އިއްޔެ ފަށައިފި އެވެ.
އިއްޔެ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން 168 ފަސިންޖަރުންނާއެކު ފުރި މެލޭޝިއާ އެއާލައިންގެ ބޯޓެއް 11:20ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޖައްސައިފައެވެ.
މެލޭޝިއަން އެއާލައިނުގެ ފުރަތަމަ ދަތުރު ކުރި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ އިއްޔެ މެންދުރެވެ. ދަތުރުތައް ފެށުން ފާހަގަކުރަން މި ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީއާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އިތުރުން މެލޭޝިއާ އެއާލައިންސްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އެއާލައިނުން ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދަތުރުތައް ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފްލައިޓުންނެވެ.