މިފްކޯ އަށް މިދިޔަ މަހުގެ ތެރޭގައި ރެކޯޑް އަދަދަކަށް މަސް ކިރުވައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހު މިފްކޯއަށް 8،324 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ. މިއީ 1997 ގެ ފަހުން މިހާތަނަށް ޖެނުއަރީ މަހެއްގެ ތެރޭގައި އެންމެ ގިނައިން މަސްކިރުވި ފަހަރުކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިފްކޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިއީ ޑިސެންބަރު މަހާއި އަޅާބަލާ އިރު 122 ޕަސެންޓްގެ އިތުރުވުމެކެވެ. ޑިސެމްބަރު މަހުމަސްވެރިންނަށް ދޫކޮށްފައި ވަނީ 52 މިލިޔަން ރުފިޔާ އެވެ.
ސަރުކާރުގެ ވައުދަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ކިރާ މަހަށް ފައިސާ ދޫކުރުމެވެ. މިދިޔަ ޑިސެމްބަރު 10 އިން ފެށިގެން އެ ވައުދާ އެއްގޮތަށް ކިރާ މަހަށް ފައިސާ ދޫކުރަން ވަނީ ފަށައިފަ އެވެ.