ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން މިިދިޔަ މަހު 50 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، މިދިޔަ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކުރި ކަމަށެވެ.
އެމްއެމްއޭއިން ބުނިގޮތުގައި އެ މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކުރި ކަމަށެވެ.
އެމްއެމްއޭއިން އިތުރަށް ބުނީ މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް 708.1 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓްގެ އިތުރުވުމެކެވެ.
“މީގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ. މި ގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަަސެންޓް އިތުރުވެފައެވެ. އަދި، ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ގެނެވުނު ބަދަލާއެކު، މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ އެއް ސަބަބެވެ.” އެމްއެމްއޭއިން ބުނެފައި ވެެއެވެ.
މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ޑިސެންބަރު މަހާ އަޅާ ބަލައިއިރު 12 ޕަސެންޓް އިތުރުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު ހެދި ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ލިބުނު ބޭރު ފައިސާ އިތުރުވެފައިވުމަކީ ވެސް މީގެ އެއް ސަބަބު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެގޮތުން މިދިޔަ މަހުގެ ނިޔަލަށް، އޮކްޓޯބަރުގައި ލިބުނު އާމްދަނީއަށް ބިނާކޮށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭން ބުންޏެވެ. އަދި އެ މުއްދަތުގައި ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިޒޯޓުތަކުން އެ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭގޮތަށް ކަނޑައަޅާފައިވާ ގާނޫނު ރައީސް ޑރ މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު 14 ގައެވެ. އަދި އެ ގާނޫނަށް މިިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.