ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އައްޑޫ ސިޓީ ހިތަދޫ ގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފުކޮށްފިއެވެ.
އެ ބޭންކުން ބުނީ، އާ އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ، ރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ ސިޓީގެ މޭޔަރު އިސްމާއިލް ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމް ގާއިމްކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަ ކުރެވިފައިވަނީ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތަށެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއެކެވެ.
އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވ،ީ ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރައްވައި، ފައިސާގެ މުޢާމަލާތްތައްކުރުމުގައި ރައްކައުތެރި، އިތުބާރުހުރި، އަދި ފަސޭހަކަން ބޮޑު ޒަމާނީ އުޞޫލުތައް ތަޢާރަފްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



