މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޯދަމަހާ ގުޅިގެން ޚާއްސަކޮށްފައިވާ އުސޫލުގެ ދަށުން އިއްޔެ ވެސް ގިނަ އަދަދެއްގެ މުދާ ކްލިއަރކޮށްދީފިއެވެ.
މި ރޯދަމަހަށް ހާއްސަކޮށް އެމްޕީއެލްގެ މަސައްކަތުގެ ސަބަބުން ބާޒާރުގައި ގިނަ ބާވަތެއްގެ މުދަލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިގޮތުން މިވަގުތު ފިޔާ ކިލޯއެއްގެ އަގު ހުރީ 12 ރުފިޔާގައެވެ. އަދި ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އެމްޕީއެލްއިން ވަނީ ޖުމްލަ 3000 އަށްވުރެ ގިނަ ބަސްތާ ފިޔާ ކްލިއަރކޮށްދީފައެވެ.
އެމްޕީއެލްއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ ކްލިއަރކުރި ތަކެތީގެ ތެރޭގައި ކަރާގެ 950 ބަސްތާއާއި، ކެބެޖްގެ 679 ފިޔާ ބަސްތާއާއި، ކުކުޅު ބިހުގެ 2125 ކޭސް އަދި 520 އަލުވި ބަސްތާ ގެ އިތުރުން ކެބެޖް، ޓޮމާޓޯ، ދޮންކެޔޮ، އަދި ގިނަ އަދަދަކަށް ކާށިވެސް ކްލިއަރކޮށްފައިވެއެވެ.
އަދި މީގެ އިތުރުން، 20 ފޫޓުގެ 78 ކޮންޓެއިނަރާއި 40 ފޫޓުގެ 71 ކޮންޓެއިނަރުވެސް އެމްޕީއެލްއިން ވަނީ ކްލިއަރކޮށްދީފައެވެ. ރަމަޟާން މަހާ ގުޅިގެން އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި އަވަސް މުއްދަތެއްގެ ތެރޭގައި ކްލިއަރކޮށްދިނުމަށް އެމްޕީއެލްއިން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.