ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން “މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް” ޕްރޮގްރާމްގެ ދަށުން އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
އއ. އަތޮޅުން އެންމެ ފަހު އޭޓީއެމް ޤާއިމްކޮށްފައިވަނީ މާޅޮހުގައެވެ. ހަތަރު ސަތޭކަ ފަންސާހެއްހާ މީހުން ދިރިއުޅޭ މާޅޮހަށް އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” ޕްރޮގްރާމްގެ ދަށުން މިހާތަނަށް އަށް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފަސޭހައިން ބީއެމްއެލްގެ ހިދުމަތް ހޯދޭނެހެން ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ އަޒުމުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބީއެމްއެލްއިން މިހާރު ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައެއް ގާއިމުކޮށްފަ އެވެ. މިގޮތުން 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސާވިސް ބޭންކިން ސެންޓަރު، 200 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުން ގެންދެ އެވެ.



