ހދ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހދ. ފިނޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ފިނޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުއިއްޒެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު އަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ކައުންސިލް ރައީސް އަދުނާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚިދުމަތް ފެއްޓެވުމަށްފަހު ރައީސް ވަނީ ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ޙަވާލުކުރައްވާފައެވެ. މި މަޝްރޫޢަކީ ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފެށި ޚިދުމަތެކެވެ.
ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އޭޓީއެމް ނެތް ރަށްރަށުގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމްކުރުމެވެ. މިހާރު ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއްގެ ދަށުން 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު، 200 އޭޓީއެމް އަދި އޭޖެންޓް ބޭންކިންގ ޚިދުމަތް ޤާއިމްކޮށްފައެވެ.
މީގެ އިތުރުން، ބީއެމްއެލްއިން ދެމުންގެންދާ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު، އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



