މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރި ކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމަކުރިމަތިލުމުގެ މުއްދަތި އިތުރުކޮށްފިއެވެ. އެގޮތުން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް މި ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ،
ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކުރުވައި، އެ ދާއިރާއިން ހުނަރުވެރި ބަޔަކު އުފެއްދުމަށް އަމާޒުކޮށްގެން ތިން މަސްދުވަހުގެ މުއްދަތަށް ރާވާލެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް މަސްވެރިކަމުގެ ނަޒަރީ އަދި އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ. ޚާއްސަކޮށް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި އެންމެ ކާމިޔާބު ކެޔޮޅުންގެ އަތުން މަސްވެރިކަމުގެ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ލިބޭނެއެވެ. އަދި 24 އަހަރުން ދަށުގެ ކޮންމެ ޒުވާނަކަށްވެސް މި ފުރުސަތަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް 18 އަހަރުން ދަށުގެ ފަރާތްތަކުން ބެލެނިވެރިޔާގެ ހުއްދައިގެ ލިޔުން ހުށަހެޅުން ލާޒިމްވެއެވެ.
މި ޕްރޮގްރާމަކީ ‘ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް’ ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.



