ކަނޑުމަގުން ރާއްޖެއަށް ގެންނަ އަދި ގެންދާ މުދަލުގެ ހައުސް ބިލް އޮފް ލޭންޑިންގެ މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަންޖެހޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއުލާނުކޮށްފިއެވެ.
މި އިއުލާނު ކޮށްފައިވަނީ މި މަހުން ފެށިގެން ފްރައިޓް ފޯވާޑިންގގެ ޚިދުމަތް ލިބޭނީ ހަމައެކަނި ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް ކަމަށް ކަސްޓަމްސްއިން ކުރިން އަންގާފައިވަނިކޮށެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑުމަގުން ރާއްޖެއަށް މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ ހާލަތްތަކުގައި އެ ފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ވާން ޖެހެއެވެ.
ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، ހައުސް ބިލް އޮފް ލޭންޑިންގގެ މައުލޫމާތު ހުށަހަޅަންވާނީ މާސްޓަރ ބިލް އޮފް ލޭންޑިންގގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވަރޑަރުންނެވެ. މި މައުލޫމާތު ހުށަހެޅުމަށް ޓްރޭޑިއަން ޕޯޓަލް (މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ) މެދުވެރިކޮށް އިލެކްޓްރޯނިކްކޮށް ހުށަހެޅޭނެއެވެ.
ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިން/އެއަރވޭބިލް ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ޚިދުމަތް ހިމެނޭގޮތުން ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވަރޑިންގގެ ދައުރު އަދާކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންޖެހެއެވެ.
މި އައު ބަދަލާއެކު، ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާވެ، ރެގިއުލޭޓްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.