ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ބައްޓަންކުރައްވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ވެސް ހިމެނޭ ގޮތަށް، ހުރިހާ ފަންތިއެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގެ މަޤްޞަދަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ޚިޔާލު ހޯއްދެވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒު ވަނީ ބައްދަލުވުމުގައި ބައިވެރިވެލެއްވި ވިޔަފާރިވެރިންނަށް ޝުކުރު އަދާކުރައްވައި، ސަރުކާރުގެ މަސައްކަތްތަކަށް އެހީތެރިވުމަށް ވިޔަފާރިވެރިންގެ ފަރާތުން ޚިޔާލު ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ ހުރިހާ ފަންތިއެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް ސިޔާސަތުތައް ބައްޓަންކޮށްގެންނެވެ.
“ސަރުކާރުން މަސައްކަތް ކުރަމުން މި ގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އަދި ހުރިހާ ފަންތިއެއްވެސް ކުރިއެރުމަށް މަސައްކަތްތައް ސިޔާސަތުތައް ބައްޓަންކޮށްގެން. އެހެންވީމަ ތިބޭފުޅުންގެ ވާހަކަފުޅުތައް މިގޮތަށް މަސައްކަތް ކުރުމަށް މުހިންމު އެއްޗަކަށް ވެގެންދާނެ.” ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ ދުރު ރާސްތާ އަމާޒުތަކުގެ ތެރޭގައި ފަންނުވެރިކަމާއި އުފެއްދުންތެރި އިޤްތިޞާދެއް ތަރައްޤީ ކުރުން ހިމެނޭއިރު ރައީސް ވިދާޅުވީ، މި އަމާޒަށް ވާސިލުވުމަށްޓަކައި ފަންނުވެރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.



