ރާއްޖޭގެ މާލީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ދައުލަތުގެ ޕްރައިމަރީ ބެލެންސް ސާޕްލަސްއަކަށް ބަދަލުވެ، ރާއްޖޭގެ މާލީ ރައްކާތެރިކަން ވަރުގަދަވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ މާލީ ރިޕޯޓުތަކުން އެނގޭގޮތުގައި، ދަރަނީގެ އިންޓްރެސްޓް ނުހިމަނައި، ދައުލަތަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ބެލެންސް މިހާރު ވަނީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ބަދަލުވެފައެވެ. މިއީ 2024 ވަނަ އަހަރު މި އަދަދު 8.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި އޮތުމަށްފަހު ހޯދުނު ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް.) އަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން އެ ފަންޑަށް ޖަމާކުރި މިންވަރު މިހާރު ވަނީ 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 91.2 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މި ކުރިއެރުމުގެ ސަބަބުން ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވެ، ރަސްމީ ރިޒާވަށް ހުރި ޕްރެޝަރުތައް ކުޑަވެގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.
މާލީ ރިޕޯޓުތައް ޝާއިއުކުރުން ލަސްވި ސަބަބާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، އަހަރުގެ ފަހު ދެ ހަފްތާގެ ރިޕޯޓު ޝާއިއުކުރުން ލަސްވީ ސަރުކާރުގެ ޕަބްލިކް އެކައުންޓިންގް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށް ވަގުތު ބޭނުންވުމުން ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަތައް ހައްލުކޮށް، ތަފާސްހިސާބުތައް ވަނީ އާންމުކޮށްފައެވެ.



