ރާއްޖޭގެ ބާޒާރުގައި ބޭނުންކުރާ ފައިސާގެ ތެރެއިން 20 ރުފިޔާގެ ނޫޓު މަދުވުމާ ގުޅިގެން، އެ ނޫޓުގެ އާ ސްޓޮކެއް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފިއެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި މި ނިންމުމަކީ އިގުތިސާދުގެ ތެރޭގައި ދައުރުވާ 20 ރުފިޔާގެ ނޫޓު މަދުވަމުންދާތީ، ފައިސާގެ މުއާމަލާތްތަކަށް ބުރޫއެރިޔަނުދިނުމަށް އެޅި ފިޔަވަޅެކެވެ.
މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ރަން ދިހަފަހެއް” ނޫޓު ސީރީޒްގައި ހިމެނޭ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން، އާ ސްޓޮކެއް ރާއްޖެ ގެނެސް މިހާރު ދައުރުކުރަން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން މި މަހުގެ ކުރީކޮޅު ވަނީ 100 ރުފިޔާގެ ނޫޓު ވެސް މަދުވުމާ ގުޅިގެން އޭގެ އާ ސްޓޮކެއް ބާޒާރަށް ނެރެފައެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޕޮލިމާ ނޫޓު ސީރީޒް ނުވަތަ “ރަންދިހަ ފަހެއް” ތައާރަފްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ނޫޓުތަކަކީ ސަލާމަތީ ގޮތުން ވަރުގަދަ ފީޗާތަކެއް ހިމަނައިގެން، ފަސޭހައިން ހަލާކުނުވާނެ ފަދަ މާއްދާއަކުން ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ.
މި ނޫޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ނޫޓަށް އަލްޓްރާ ވައިލެޓް (ޔޫވީ) އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭ ގޮތަށް ހަދާފައިވާއިރު، އާދައިގެ އަލީގައި އެއް ކުލައަކުން ފެންނަ ކުރެހުންތައް ޔޫވީ އަލީގައި ދެ ކުލައަކުން ފެންނަން ހުރެއެވެ.



