މި ހިނގަމުންދާ ރިޔާސީ ދައުރަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އައު ބާބެއް ހުޅުވި، ރައްޔިތުންނަށް އެދެވޭ ބޮޑެތި ބަދަލުތަކެއް ފެންނާނެ ފަސް އަހަރު ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ޖާގަ ހޯއްދަވައިގެން ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ރައީސް އިސްވެ ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ހުރި ޞިއްޙީ ސިޔާސަތުތައް ތަންފީޒު ވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއް ކުރާނެ ފަސް އަހަރުކަން މިނިސްޓަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކުރިއަށް އޮތް ތަނުގައި ޞިއްޙީ ދާއިރާއަށް އަންނާނެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މި 5 އަހަރު ވާނީ ލެބޯޓްރީގެ ޚިދުމަތާއި، އެމްއާރުއައި އަދި ސީޓީ މެޝިންތައް ފަދަ އަސާސީ ޚިދުމަތްތައް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެވޭނެ ދައުރަށް ކަމަށެވެ.
“މިއީ ރައްޔިތުންގެ ޞިއްޙީ ކަންބޮޑުވުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ 5 އަހަރު. އެކަން އަޅުގަނޑަށް ކަށަވަރުވާ ސަބަބަކީ ސިޔާސަތުތައް ވަރަށް ރަނގަޅަށް ތަރުތީބުކޮށް ލިޔެވިފައި ހުރީތީވެ،” މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ މުހިންމު ޚިދުމަތަކީ ޞިއްޙީ ޚިދުމަތްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މި ދައުރު ނިމޭއިރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ލީޑަރޝިޕުން މިކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާތީ، ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި އެއްވެސް ޝައްކެއް ނުކުރުމަށްވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.



