އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ އެމްޑީޕީން ގެންދަނީ ޑރ މުއިއްޒު އަށް ވެރިކަން ލިބިވަޑައިގެންފިނަމަ ސިނަމާލެ ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގާނެ ކަމަށް ބުނެ ވާހަކަތައް ފަތުރަމުންނެވެ.
މިކަމަށް ރައްދުދެއްވާ ކުރެއްވި ޓުވީޓެއްގައި ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
އަދި ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއް ކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.



