މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 9353.40ރ. ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ކަނޑައަޅައިފި އެވެ.
ޒަކާތު ހައުސް އިން ބުނީ މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 9353.40ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު އިސްލާމިކް މިނިސްޓްރީން ވަނީ މުދަލުގެ ޒަކާތުގެ ނިސާބް ކަނޑައެޅުމުގައި އެ ވުޒާރާއިން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ރާއްޖޭގައި ފައިސާ އިން މުދަލު ޒަކާރް ނެރުން ވާޖިބުވާ ނިސާބަކީ 7،140 ރުފިޔާ ކަމަށް ކަނޑައަޅާފައެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 7،151.90 ރުފިޔާ ގައެވެ.
އާންމުކޮށް މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.
މުދަލު ޒަކާތުގެ އަދަދަކީ ނިސާބުގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓެވެ.



