ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ފިނޭންސް ޑރ.މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިއަހަރުގެ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އެކައުންޓަންޓުންނަކީ ބޮޑު އާމްދަނީއެއް ލިބޭ ބައެއް ކަމަށާއި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމަށެވެ.
އަދި ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ގިނަ ސްކޮލަރޝިޕްތަކެއް މި ދާއިރާއިން މިހާރުވެސް ހުޅުވާލާފައިވާކަން މިނިސްޓަރ ޑރ.މުހައްމަދު ޝަފީޤް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ދިވެހި އެކައުންޓަންޓުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައި މަސައްކަތްކޮށް އާމްދަނީ ހޯދާތަން ދެކެން ބޭނުންވާކަމަށެވެ.
