ކަސްޓަމްސްގެ ޤާނޫނާ ހިލާފަށް ރާއްޖެއަށް ސިއްރުން އެތެރެކޮށްފައިވާ 22 ވެހިކަލާއި ސްޕެއަރ ޕާޓްސް ދައުލަތަށް ނަގުމަށް ހުކުމް ކޮށްފިއެވެ.
ކަސްޓަމްސް އިން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ ގދ. ތިނަދޫ، އަސްބާހް ނިޒާމުގެ ނަމުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ ނަމުގައި ޕްލައިވުޑް އަދި ޓިމްބަރގެ ގޮތުގައި ޑިކްލެއަރކޮށް، ކޮލިއަރކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސަރަހައްދުން ނެރެގެން ގެންދިޔަ ދެ ކޮންޓެއިނަރުގައި، ސިއްރުން އެތެރެކޮށްފައިވާ ވެހިކަލްތަކެއް ހުރުމުން އެ މުދާ ދައުލަތަށް ނަގައިދިނުމަށް އެދިއެވެ. އެގޮތުން ދައުލަތުން އެދިފައިވަނީ 22 ވެހިކަލާއި ސްޕެއަރ ޕާޓްސް ދައުލަތަށް ނެގުމަށެވެ.
މި މައްސަލާގެ ދައުވާ ފޯމް އަދި ލިޔުންތައް ދައުވާލިބޭ ފަރާތަށް ރައްދުކުރުމުން އެފަރާތުން ބުނެފައިވަނީ ދައުވާ ކޮށްފައިވާ މުދާތަށް ދައުލަތަށް ނެގުމާމެދު އިއުތިރާޒެއް ނުކުރާ ކަމަށާއި އެއީ އެފަރާތާ ގުޅުން ހުރި މުދާތަކެއް ނޫން ކަމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ޕްލައިވުޑް އަދި ޓިމްބަރގެ ގޮތުގައި ޑީކްލިއާކޮށް ސިއްރުން އެތެރެކޮށްފައިވާ 22 ވެހިކަލާއި ސްޕެއަރ ޕާޓްސްއަކީ ކަސްޓަމްސްއަށް ލިބިދޭ ބާރުގެ ދަށުން ހިފަހައްޓާފައިވާ މުދާ ކަމަށެވެ.