ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރިސާޗް ފައުންޑޭޝަނެއް އުފައްދައިފިއެވެ. ސްޓެލްކޯ ރިސާޗް ފައުންޑޭޝަން (އެސްއާރްއެފް) ގެ ނަމުގައި އުފައްދާފައިވާ މި ފައުންޑޭޝަން އިފްތިތާޙު ކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
މި ފައުންޑޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމެވެ. އަދި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓްސް އަދި މެތެމެޓިކްސް (ސްޓީމް) ދާއިރާތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.
ފައުންޑޭޝަން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްއާރްއެފްގެ ވައިސް ޗެއަރޕާސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ވިދާޅުވީ މިއަދަކީ ކުންފުނީގެ ހަޔާތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގު ކޮށިގެންދާ އުފާވެރި ދުވަހެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މި ފައުންޑޭޝަން މެދުވެރިކޮށް ޤައުމުގެ ކުރިއެރުމަށާއި މުސްތަޤުބަލަށް ކަންތައްތަކެއް ކޮށްދިނުމަކީ މަޤްޞަދު ކަމަށެވެ. އަދި މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ ކަމަށާއި، ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ޤައުމަށް މިކަމުގެ ފައިދާ ކުރަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު ވަނީ ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް www.srf.mv ވެސް އިފްތިތާޙުކޮށްފައެވެ.