އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި ތައިލެންޑަށް މިއަދުން ފެށިގެން ފޮނުވަން ފަށައިފިއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދެއް ފުއްދުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އާސަންދައިން ބުނިގޮތުގައި، މި ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ހޮސްޕިޓަލްތަކުން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދޭން ފަށާފައިވެއެވެ. މި ޚިދުމަތް ފޯރުކޮށްދެވޭނީ މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.
މި އައު އިންތިޒާމުގެ ދަށުން، އިސްކަންދެވޭނީ ދެ ގިންތިއެއްގެ ބަލިމީހުންނަށެވެ. ފުރަތަމަ ގިންތިއަކީ ކިޑްނީ ޓްރާންސްޕްލާންޓަށް ބޭނުންވާ، ނަމަވެސް ފުރަތަމަ ދަރަޖައިގެ ޑޯނަރެއް ނެތުމުގެ ސަބަބުން ފަރުވާ ނުލިބި ތިބި ބަލިމީހުންނެވެ. ދެވަނަ ގިންތިއަކީ ރާއްޖެ، އިންޑިއާ ނުވަތަ ސްރީލަންކާގައި ގިނަ ފަހަރު މަތިން ފަރުވާ ހޯދުމަށްފަހުވެސް ޙާލަތު ރަނގަޅުނުވެ ތިބި ބަލިމީހުންނެވެ.
އާސަންދައިން އިތުރަށް ބުނިގޮތުގައި، މި ޚިދުމަތަށް އެދި ހުށަހެޅޭނީ އާސަންދަ މޯބައިލް އެޕް، މައި އާސަންދަ ޕޯޓަލް، ވިރަ ކައުންޓަރުތައް އަދި އާސަންދަ ފްރަންޓް އޮފީސް މެދުވެރިކޮށެވެ.
މި އައު އެމްޕެނަލްމަންޓްގެ ދަށުން، ޔޫއޭއީގެ އަބޫދާބީގެ އެއް ހޮސްޕިޓަލަކާއި ތައިލެންޑުގެ ބެންކޮކްގެ ދެ ހޮސްޕިޓަލަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.