ރާއްޖޭގައި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކްކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ “ކަނޑައެޅިގެން ދޮގު” ވާހަކަތަކެއް ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކްކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން” ކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.
ހީނާ މިހެން ވިދާޅުވެފައި މިވަނީ، ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ސަރުކާރުން ބައެއް ޕްލެޓްފޯމްތައް ބްލޮކްކުރަން ވިސްނަމުންދާ ކަމަށް ބުނެ ފެތުރެމުންދިޔަ ވާހަކަތަކާ ގުޅިގެންނެވެ.