ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ ދެ މަޤާމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ދެ މަޤާމަށް އައްޔަންކުރަން ރުހުން ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހަންމާ) އާއި ކުރިން ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރައްވާފައިވާ އާމިނަތު ސަރާހަތު ޢިއްޒަތެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ސަރާހަތު އައްޔަންކުރުމަށް 68 މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ. އަދި މުހަންމާ އައްޔަންކުރުމަށް 58 މެންބަރުން ވަނީ ރުހުން ދެއްވާފައެވެ.
މި ދެ މަޤާމު ހުސްވެފައިވަނީ ކޮމިޝަންގެ ރައީސާ މަރްޔަމް ވަޙީދާއާއި މެންބަރު ޢަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ހަމަވުމާ ގުޅިގެންނެވެ.
މިހާރު ބްރޯޑްކޮމްގައި ތިއްބެވި މެންބަރުންނަކީ އާމިނަތު އަމީނާ، މުޙައްމަދު ފަޒީން، ޝިފްލާ އިބްރާހީމް، ޞަފާ ޝަފީޤު އަދި އާމިނަތު ނުޒުހާއެވެ. މި ދެ މެންބަރުން އިތުރުވުމާއެކު ކޮމިޝަންގެ މެންބަރުންގެ އަދަދު 7 އަށް އަރާފައިވެއެވެ.