ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް “އޮޕަރޭޝަން ކުރަނގީ”ގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަރަކާތް މިއަދު ހެނދުނު 8 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.
މި އޮޕަރޭޝަންގައި އެ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވާނެ ކަމަށް ބުނެފައިވެއެވެ. މިއަދުގެ ހަރަކާތުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައިވެސް މި ހަރަކާތް ކުރިއަށްދާނެއެވެ.
ބިދޭސީ މަސައްކަތްތެރިން ސްކްރީންކުރުމުގެ މަސައްކަތް އެ ވުޒާރާގެ އެންޓި-ޓިޕް އޮފީހުން ކުރިއަށްގެންދާނެ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 18,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރެވިފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އޮޕަރޭޝަން ކުރަނގީގެ މަސައްކަތް މިހާރު ވަނީ 194 ރަށެއްގައި ފެށިފައެވެ. އަދި 50 ރަށެއްގައި މި މަސައްކަތް ވަނީ ނިމިފައެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަޤީޤީ އަދަދު ދެނެގަތުމަށާއި، އެމީހުންގެ ވަޒީފާގެ ހާލަތު ބެލުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.