ރޭ އާޓިފިޝަލް ބީޗުގައި ހިނގި މާރާމާރީގެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 3 ބިދޭސީން ޑީޕޯޓްކުރުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާނު ވަހީދު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އިންޑިއާއަށް ނިސްބަތްވާ މި 3 ބިދޭސީން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އަދި މި ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،” ޝައްމާނު ވިދާޅުވިއެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި 3 ބިދޭސީންގެ މެދުގައި މާރާމާރީ ހިނގަމުންދަނިކޮށް، އެ މަންޒަރު ރެކޯޑުކުރަމުންދިޔަ ދިވެއްސަކަށް ވެސް ހަމަލާ ދީފައިވެއެވެ. މި ހާދިސާގެ ވީޑިއޯއެއް ރޭ ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ދައުރުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައިވާއިރު، ސަރުކާރުން އަވަސް ފިޔަވަޅު އަޅައި، ކުށްވެރިން ޤައުމުން ބޭރުކުރުމަށް ނިންމި ނިންމުމަށް ގިނަ ބަޔަކު ތާއީދުކޮށްފައިވެއެވެ.