ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާ ދުރު ބައެއް ކަމަށް ބުނެ ހަޖޫޖެހުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ “އެކްސް” އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުމަރު ނަސީރު ވިދާޅުވެފައިވަނީ ރައްޔިތުން ނިކުމެ މަގުމަތިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވައްޓާނުލާނެ ކަމަށް ރައީސް މުޢިއްޒު ހީކޮށްގެން ނުވާނެ ކަމަށެވެ. މި ވާހަކައަށް ރައްދު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުޢިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށެވެ.
“އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާ ދުރު ބައެއް ކަމަށް ބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ ޢަމަލެއް،” ނައިބު ރައީސް ލިޔުއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދިނުމަކީ ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުންނަ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެއް ކަމަށެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ރޭ ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި އުމަރު ވިދާޅުވެފައިވަނީ މި ސަރުކާރަށްވުރެ ބޮޑަށް ދޮގުހަދައި، އޮޅުވާލައިގެން ވެރިކަމަށް އައި ބަޔަކު ދުނިޔޭގައިވެސް ނުތިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލިފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.