ކުރިއަށް އޮތް ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޑިޖިޓަލް ދާއިރާ އައު ހަރުފަތަކަށް ގެންގޮސް، ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމަކަށް ހައްދަވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޑރ. ކިނާނަތު ވިދާޅުވީ މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، ޑިޖިޓަލް ވެއްޓަކަށް އެސްޓޯނިއާއިން ކުރި ދަތުރަކީ ތަޢުރީފު ޙައްޤު އަދި ދިވެހިރާއްޖެއިން ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ.
“ޑިޖިޓަލް ގަވަރނަންސް، އީ-ސަރވިސް، ސައިބަރ ސެކިއުރިޓީގެ ފިޔަވަޅުތައް އިތުރު ކުރުމާއި ޑިޖިޓަލް ކެޕޭސިޓީ ހަރުދަނާ ކުރުމަކީ ކުރަންޖެހޭ ކަމެއް،” ޑރ. ކިނާނަތު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަކީ ޑރ. މުޢިއްޒުގެ ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއް ދެއްވާ ކަންތައް ކަމަށާއި، ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި އެއްވެސް ރައީސަކު ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުމަށް މިހާ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ނުވާކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި، ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާއި އެސްޓޯނިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމަކީ އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެކެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ރައީސް އިސްކަންދެއްވާ ކަމެއް ކަމަށާއި، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 30 އިންސައްތަ ހިއްސާކުރަނީ ޑިޖިޓަލް އިޤްތިޞާދަކުން ކަމަށް ހެދުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މިހާރު ސަރުކާރުން ދަނީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ޔުނެސްކޯގެ އޭ.އައި ރެޑިނަސް ޓޫލްސް ބޭނުންކޮށްގެން، އޭ.އައި ރެޑިނަސް އެސެސްމަންޓެއް ހަދައި، ޤައުމީ އޭ.އައި މާސްޓަރޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ބަޔާންކޮށްފައިވެއެވެ.
ޑރ. ކިނާނަތު ވިދާޅުވީ ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ އުންމީދުން ފުރިފައި ކަމަށެވެ. އަދި ރައީސްގެ “ޑިޖިޓަލް ރާއްޖެ” މި ތަޞައްވުރު ފުރިހަމައަށް ތަންފީޒުކުރަން ތައްޔާރަށް ތިބިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމަކަށް ހަދާނަން،” ޑރ. ކިނާނަތު ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ މުހިންމު ބައެއްކަން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ މައްޗަށްވެސް ބާރުއަޅުއްވާފައިވެއެވެ.