ރާއްޖޭގެ ޖައްވުގެ ސަރަހައްދުގައި ވައި ނުސާފުވެފައިވާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ވަނީ ވައި ނުސާފުވެފައިވާ ވަގުތުތަކުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އެގޮތުން އެޗްޕީއޭގެ އިރުޝާދުތަކުގެ ތެރޭގައި ހިމެނެނީ:
- ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، އެލަރޖީ މައްސަލަތައް ހުންނަ މީހުން ގޭ ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
- ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކް އެޅުން އަދި ގޭގެ ދޮރުފަތްތައް ލައްޕައިގެން ބެހެއްޓުން.
- ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި، މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން އަދި ތުއްތު ކުދިން ބޭރަށް ނުނެރުން.
- ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ޙަރަކާތްތައް މަޑުޖައްސާލުން.
މީގެ އިތުރުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ މާލެ ސަރަހައްދުގައި ވިޒިބިލިޓީ ނުވަތަ ދުރަށް ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.
މި ހާލަތާ ގުޅިގެން ރައްޔިތުން ވީހާވެސް ބޮޑަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ގޮވާލައްވާފައިވެއެވެ.