ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލަށް ޢައްޔަންކުރެއްވި 4 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ރުހުން ދިނުމަށް ނިންމައިފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް މުޢިއްޒު ވުޒާރާތަކަށް ބަދަލު ގެންނަވައި، އަލަށް 4 ވަޒީރުން ޢައްޔަންކުރެއްވިއެވެ. އެއީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއަށް މޫސާ ޒަމީރު، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވުޒާރާއަށް ޑރ. ޢަބްދުﷲ މުއްޠަލިބް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއަށް ޑރ. ޢަލީ ޙައިދަރު އަޙްމަދު އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ޑރ. މަރްޔަމް މާރިޔާއެވެ.
ކޮމިޓީގެ މެންބަރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވި ގޮތުގައި މި 4 ވަޒީރުންނަކީ ކުރިންވެސް މަޖިލީހުގެ ރުހުން ލިބިގެން ދައުލަތުގެ ވުޒާރާތަކުގައި މެދުކެނޑުމެއްނެތި ޚިދުމަތްކުރައްވަމުން ގެންދެވި ބޭފުޅުންނެވެ. އަދި އެ މަޤާމުތައް އަދާކުރެއްވިއިރު އެއްވެސް ވަޒީރެއްގެ މައްސަލައެއް ނެތްކަމަށް ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި 4 ވަޒީރުންނަށް ރުހުން ދިނުމަށް ވަނީ ފާސްކޮށްފައެވެ. ނަމަވެސް، ވަޒީރުންނަށް ރަސްމީކޮށް ރުހުން ލިބޭނީ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެންބަރުންގެ މެދުގައި ބަހުސްކޮށް، ވޯޓަށް އެހުމަށްފަހުގައެވެ.