ފެހުރިހި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަންޖެހޭ ގޮތް ހެދުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވި ގޮތުގައި، ބައެއް ފަހަރު 100 އަށް ވުރެ ގިނަ ފަތުރުވެރިން އެއް ފެހުރިއްސެއްގެ ފަހަތުން ފީނާ ކަމަށާއި، ކަނޑައެޅިފައިވާ ސިޔާސަތެއް ނެތި، ސްޕީޑްބޯޓުތައް ވެސް މި ސަރަހައްދުތަކަށް ވަދެ އުޅޭ ކަމަށެވެ.
މި އާ ޕްރޮޓޮކޯލް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ. މީގެ އިތުރުން، ވޭލް ޝާކް އެކްޓިވިޓީ ހުންނަ ސަރަހައްދުތަކުގައި ހާއްސަ ސްޕީޑްބޯޓުތައް ހަރަކާތްތެރިވެ، އެ ތަންތަނަށް ފަތުރުވެރިން ގެންދާ އުޅަނދުތައް މޮނިޓަރ ކުރާނެއެވެ.
އެމްއެމްޕީއާރްސީގޕީއާރްސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، މި ފިޔަވަޅަކީ ވޭލް ޝާކް އާއި ފީނާ ފަތުރުވެރިންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ކަނޑުގެ ވަށައިގެންވާ ވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ނަމޫނާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އާ ޤަވާއިދުތަކާއެކު، ކުރިއަށް އޮތް ޖީލުތަކަށް ފެހުރިހީގެ ރީތިކަމުގެ އަގު ވަޒަންކުރުމުގެ އިތުރުން، ރާއްޖޭގެ ފެހުރިއްސާ މުޢާމަލާތްކުރާ ފަތުރުވެރިންނަށް ތަޖުރިބާ އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ފިޔަވަޅުތަކުން ފެހުރިހީގެ ގުދުރަތީ ވަޒަނާއި މުހިންމު ތިމާވެށީގެ ނިޒާމު ވެސް ހިމާޔަތްކުރެވޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.