މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުالله (މުހައްމާ) އާއި ބްރޮޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކޮށްފިއެވެ.
މި ދެ ބޭފުޅުން މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެ އެވެ. ބްރޯޑްކޮމް އިން ވަނީ އެ ދެ ބޭފުޅުން މަގާމަށް އައްޔަންކުރިކަން ހާމަކޮށް އެ ދެ ބޭފުޅުންނަށް މަރުހަބާ ކިޔައިފަ އެވެ.
އެ ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ ގޮޑިއަށް ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހު އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ތަޅުމުގައި ވޯޓަށް އަހައިފަ އެވެ. އެގޮތުން މަަޖިލިހުގެ ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި ސަރާހަތު އޭނާ ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެމްބަރުންގެ އިއްތިފާގުންނެވެ.
ދެވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަން ފާސްވެފައެއް ނުވެއެވެ. ޝިފްޒާ އައްޔަންކުރުމަށް ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 50 މެންބަރުން ވޯޓުދެއްވިއެވެ.
މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރަން ޖެހުނީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަޙީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ.