މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ސްކޫލްތަކުގެ ހުރިހާ ކްލާސްރޫމްތަކެއް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެއަރކޮންޑިޝަން ކުރުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާާޅުވީ ރ.ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިދިޔަ މާރިޗު މަހު ދ. މީދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ވިދާޅުވެފައިވަނީ މި އަހަރު ތެރޭގައި ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އެއަރކޮންޑިޝަން ހަރުކުރުމަށް ސޯލާ ޕެނަލް މަޝްރޫޢެއް ފެށުމަށް ރޭވިފައިވާ ކަމަށެވެ. އަދި މިއާއެކު، ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ސްކޫލްތަކެއް އެއަރކޮންޑިޝަން ކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ފެށިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
“އަޅުގަނޑު ގަބޫލުކުރާ ސިޔާސަތަކީ ޢިމާރާތެއްގެ އިތުރުން ޤައުމަށް ތަރައްޤީ ގެނެވޭނީ ޒުވާން ޖީލަށް ތައުލީމާއި ތަރުބިއްޔަތު ދީގެން. އެހެންކަމުން ސްކޫލަށް ވަސީލަތް ހޯދައިދިނުމަކީ ވަށައިޖެހޭ ތަރައްޤީ. ހިތްހަމަ ޖެހޭ މާހައުލެއް ޤާއިމްކުރުމަކީ އޭގެ އުފާވެރިކަން ލިބޭނެކަމެއް. އެހެންކަމުން ސްކޫލަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި އެނޫންވެސް ވަސީލަތް ޤާއިމްކޮށް ތަޢުލީމީ ދާއިރާއަށް އަޅުގަނޑު ވަރަށް އިސްކަންދެން އިރާދަކުރެއްވިއްޔާ އެކަންކަންވާނެ”. ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މަޝްރޫޢު މިހާރު ވަނީ ފެށިފައި ކަމަށާއި، ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ދަރިވަރުންނަށް ތަޢުލީމު އުނގެނުމަށް މާ ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ރައީސް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.