ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރުވި ހާދިސާއާ ގުޅިގެން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ޒަކިއްޔާގެ މަރަށް ހަތަރު މަސްވެފައިވާއިރު، ފުލުހުންވަނީ މި މައްސަލައިގެ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަން ދަނީ ހޯދަމުންދާ ކަމަށް ބުނެފައެވެ. މީގެއިތުރުން އެފްބީއައިގެ ޓީމަށް، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.
“އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި.” ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ. މި މައްސަލައިގައި އޭނާ މަރާލީ ކަމަށާއި އެ ކަމުގައި އިންސާފު އަވަސްކޮށްދިނުމަށް އެދި ހޮޅުދޫގައި އެއްވުމެއް ވެސް ބޭއްވިއެވެ.
ފުލުހުން ބުނި ގޮތުގައި ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން އޮތީ ބުނެފައެވެ.
އެގޮތުން ޒަކިއްޔާގެ ހަށިގަނޑު އޮތް ގުދަން ތެރެއާއި ގޭތެރޭގެ އިތުރުން، ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް، ސްޓްރަގްލްއެއް ނުވަތަ އެއްވެސް އިތުުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއްގެ ނިޝާނެއް ފާހަަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.