ދިވެހި ފުލުހުންގެ ޚިދުމަތުން ފުލުހުންގެ ވަޒީފާއަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިފަހަރު ހުޅުވާލާފައިވަނީ ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލްގެ 16 މަޤާމަށެވެ.
ފުލުހުންގެ ހިދުމަތުން ކުރި އިއުލާނުގައިވާ ވާގޮތުން މި މަޤާމަށް ހޮވޭ ފަރާތްތަކަށް މަހަކު 17,175 ރުފިޔާގެ މުސާރައާއި އިނާޔަތްތައް ލިބޭނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުމާއި، އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެއެވެ. އަދި ފިރިހެނުންގެ އިސްކޮޅު 5 ފޫޓު 3 އިންޗިއަށްވުރެ ކުރުނުވުމާއި އަންހެނުންގެ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުން ހިމެނެއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ ވިޔަފާރިކުރުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަސްތުވާތަކެތިން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން ޝަރުތުކޮށްފައިވެއެވެ.
މި މަޤާމަށް ހޮވޭ ފަރާތްތައް އާންމުކޮށް މަސައްކަތް ކުރަންޖެހޭނީ ތިނަދޫ ސިޓީގެ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. އަދި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން 2025 ފެބްރުއަރީ 6 ވަނަ ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔެކިޔުންތަކާއެކު ހުށަހެޅުމަށް އިއުލާންގައި ބުނެފައިވެއެވެ.