އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަކުރެވޭތީ، އިމިގްރޭޝަނުން އެ ސަރަހައްދުތައް މޮނިޓަރކުރަން ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދަނީ އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުންނެވެ. އަދި އާންމު މަސްލަހަތަށް ނުރައްކާވާފަދަ މިފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ، ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
މި ހަރަކާތް ފެށުމުގެ މަޤްޞަދަކީ އާންމު ސަރަހައްދުތަކުގައި އެއްވެ އުޅޭ ބިދޭސީންގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ހުއްޓުވުމާއި، ރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.