ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އިތުރު ތިން ކައުންސިލަކަށް ހަތަރު ފަޅުރަށް ދޫކޮށްފިއެވެ. މިގޮތުން ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ، ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި، އަދި ލ. މާވަށް ކައުންސިލަށް އެ އަތޮޅު ބޮޑުމާބުޅައި ދޫކޮށްފައިވެއެވެ.
މި ރަށްތަކާ ގުޅޭ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރެވުނެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިން ސޮއިކުރެއްވިއިރު، ކައުންސިލުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުތަކުގެ ރައީސުންނެވެ.
ސަރުކާރުން މި މަޝްރޫޢުގެ ދަށުން ޖުމްލަ 28 ރަށެއް ކައުންސިލުތަކަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ރަށްތަކުގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ހުއްދަދެވިފައިވާއިރު، ރައްޔިތުންގެ ސީދާ މަންފާއަށް އަމާޒުކޮށް، ރައްޔިތުންގެ ބައިވެރިވުމާއެކު މި ރަށްތަކާމެދު ޢަމަލުކުރާނެ ގޮތް ވަނީ ކަނޑައަޅާފައެވެ.
މި މަޝްރޫޢު ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލުތަކުގެ މާލީ ޤާބިލުކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.