ސްޓެލްކޯއިން މިހާރު އަޅަމުންދާ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ ހުރިހާ މަސައްކަތެއް ކުރަމުންދަނީ ސްޓެލްކޯގެ މުވައްޒަފުންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ތުލުސްދޫގައި އަޅަމުންދާ މި ސެންޓަރުގެ ޑިޒައިންކުރުމުން ފެށިގެން ކޮންސްޓްރަކްޝަންގެ މަސައްކަތާ ހަމައަށް ހުރިހާ މަސައްކަތެއްގައި ވެސް އުޅެނީ ސްޓެލްކޯގެ މުވައްޒަފުންކަމަށް ފަހުމީ ވިދާޅުވިއެވެ. މި މަޝްރޫޢުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތަށް ފަހުމީ ޝުކުރު އަދާކުރެއްވިއެވެ.
“މި ޢިމާރާތް ތަޞައްވުރުކުރުމުން ފެށިގެން ތަންފީޛުކުރުމާ ހަމައަށް މުޅި މަސައްކަތް ކުރިއަށް ގެންދަނީ ހަމައެކަނި ސްޓެލްކޯގެ މުވައްޒަފުން. މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ މުވައްޒަފުން ކުރައްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކަށްޓަކައި، އެ ބޭފުޅުންގެ ވަފާތެރިކަމާއި އަޒުމަށް އަޅުގަނޑު ތަޢުރީފުކުރަން.” ފަހުމީ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، އިމާރާތުގެ ޑިޒައިނަށް ފަހުމީ ތަޢުރީފުކުރައްވައި، މި މަޝްރޫޢުން ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރުވެރިކަން ހާމަވެގެންދާކަމަށް ވެސް ވިދާޅުވިއެވެ.