ރާއްޖޭގެ ޗަސްބިންތަކާއި ކަނޑޫފާ އަދި ކަނޑު ފަޅުތަކުގެ މައްޗަށް ބިނާކޮށްގެން ދިރިއުޅުމުގެ މަސައްކަތްތައް ކުރާ އަންހެނުންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ފެނުމަކީ ހަގީގަތުގައިވެސް ވަރަށް ބޮޑަށް ހިތްވަރު ލިބިގެންދިޔަ ކަމެއްކަމަށް ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިގޮތަށް ވިދާޅުވީ ކެނެޑާ ފަންޑުގެ އެހީގައި، މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހިންގި ބޮނބިން އުފައްދާ ރޯނުން ގަހަނާ ތައްޔާރުކުރުމުގެ ކޯހުގެ ބައިވެރިންގެ ތަކެތި ބައްލަވާލެއްވުމަށްފަހުގައެވެ. މި ކޯހަކީ ކަނޑޫފާ ބިންތަކުން އަންހެނުން ކުރަމުން އަންނަ އިޤްތިޞާދީ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު މަސައްކަތެކެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަންހެނުންނަށް ބާރުވެރިކަން ދިނުމުގައި މޯލްޑިވްސް ވެޓްލޭންޑް ފައުންޑޭޝަނުން ކުރާ މަސައްކަތަށާއި، މި މުހިންމު މަސައްކަތަށް އެހީތެރިވެދެއްވާތީ ކެނެޑާ ފަންޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކެއް ދަސްކޮށްދެއްވާ، ބްރޭންޑެއް ތަޢާރަފް ކުރެވިގެން ދިއުމަކީ ދެމެހެއްޓެނިވި، ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްގެން ކުރެވޭ މަސައްކަތްތަކުން އިތުރު ނަފާ ނެރެވޭ ކަމެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ ރާއްޖޭގެ ކަނޑޫފާ ބިންތަކުގައި އަންހެނުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދައުރާ ބެހޭގޮތުން މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަންގެ ފަރާތުން ތައްޔާރުކޮށްފައިވާ ދިރާސާއެއް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އޭގެފަހުން، ބޮނބިން އުފައްދާ ރޯނުން ގަހަނާ ތައްޔާރުކުރުމުގެ ތަމްރީނުގައި ބައިވެރިވި ފަރާތްތަކާ ބައްދަލުކުރައްވައި، އެ ކަނބަލުންގެ މަސައްކަތްތައް ބައްލަވާލައްވާފައިވެއެވެ.
މި މަސައްކަތްތަކަކީ ރާއްޖޭގެ އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމަށާއި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.