ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި، އެކަމުގެ މަޝްވަރާތައް މިއަދު ފަށައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތް ގޮތަށް، އެރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ، ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަޝްވަރާތައް މިއަދު ފަށާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރާނެގޮތުގެ މަގުޗާޓް އެކުލަވާލައި، ޢަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިރިމަރަދޫގެ މިހާރުގެ އާބާދީއަކީ 589 އެވެ. ނަމަވެސް، އެރަށުގެ ގިނަ ރައްޔިތުން ވަނީ މިހާރު ރަށް ދޫކޮށް އެހެން ތަންތަނަށް ހިޖުރަކޮށްފައެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަނިމާދޫގެ އާބާދީއަކީ 2,645 އެވެ.